ހަނދުގައި ފެން ހުރިތޯ ބަލަން ނާސާގެ ރޮބޮޓް ޖައްސާނީ ކޮން ދިމާލަކަށް؟

Nasa 4 years ago
ހަނދަށް ފޮނުވަން ހަމަޖެހިފައިވާ ވައިޕާ ރޮބޮޓުގެ ކުރެހުމެއް
އިސްމާއިލް ހަސަން - 2021-10-23 10:49:01
ފެން ހުރިތޯ ބަލަން 2023 ވަނަ އަހަރު ހަނދަށް ފޮނުވާ ނާސާގެ އުޅަނދު ޖައްސާނީ ސައުތު ޕޯލް ނުވަތަ އެންމެ ދެކުނުގައިވާ ނޯބައިލް ކްރޭޓާއަށް ކަމަށް ކަނޑައަޅައިފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާއިން އުއްމީދު ކުރަނީ އެ ސަރަހައްދަށް ފޮނުވާ ރޮބޮޓުގެ އެހީގައި ހަނދުގެ ފަށަލައިގެ އަޑީގައި ފެންހުރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

އެ ފެނަކީ މުސްތަގްބަލުގައި މާސް އަދި ޖައްވުގެ އެހެން ހިސާބުތަކަށް ކުރާ ދަތުރުތަކުގައި ރޮކެޓު ފިޔުލަށް ބަދަލު ކުރެވޭނެ އެއްޗަކަށް ހެދުމުގެ ވިސްނުން ނާސާއިން ގެންގުޅެ އެވެ.

"ނޯބައިލް ކްރޭޓާއަކީ ހަނދުގެ އެންމެ ދެކުނުގައި އޮންނަ ތަނެއް. އެ ކްރޭޓާ އުފެދުނީ ޖައްވުގައި ދައުރުވި ކޮންމެވެސް އެހެން އެއްޗަކާއި ހަނދު ޖެހިގެން ނުވަތަ ވެއްޓިގެން،" ނާސާގެ ޕްލެނެޓަރީ ސައިންސް ޑިވިޝަންގެ ޑިރެކްޓަރު ލޯރީ ގްލޭޒް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެ ތަނަކީ ސޯލާ ސިސްޓަމްގެ އެންމެ ފިނި އެއް ސަރަހައްދެވެ. މިހާތަނަށް އެ ހިސާބަށް އެއްވެސް އުޅަނދެއް ގޮސްފައެއް ނުވެ އެވެ. އެތަނާ ގުޅޭ ތަހުލީލުތައް ކޮށްފައި ވަނީ ވެސް ދުރުގައި ތިބެގެންނެވެ.

ނާސާގެ ލޫނާ ރިކޮނައިސަންސް އޯބިޓާ އަދި ލޫނާ ކްރޭޓާ އޮބްޒަވޭޝަން އަދި ސެންސިން ސެޓެލައިޓްތަކުން އެ ތަނުގެ ތަހުލީލުތައް މީގެ ކުރިން ކޮށްފައި ވެ އެވެ.

"މި އުޅަނދު އެ ސަރަހައްދަށް ގޮސް، އެ ތަނުގެ ވެލިގަނޑު ކޮންނާނެ،" ގްލޭޒާ ވިދާޅުވި އެވެ.

އެ ތަނަށް ފޮނުވާ ރޮބޮޓުގެ ނަމަކީ ވޮލަޓައިލްސް އިންވެސްޓިގޭޝަން ޕޯލާ އެކްސްޕްލޮރޭޝަން ރޯވާ ނުވަތަ ވައިޕާ އެވެ.

އެއީ ކުޑަ ގޮލްފް ކާޓެއް ވަރުގެ އުޅަނދެކެވެ. އޭގެ ބަރުދަނުގައި 430 ކިލޯ ހުރެ އެވެ. މާސްގައި ބޭނުންކުރާ އުޅަނދުތަކާ ހިލާފަށް މި އުޅަނދު ރިއަލް ޓައިމްކޮށް ދުނިޔޭގައި ތިބެގެން ކޮންޓްރޯލް ކުރެވޭނެ އެވެ. އެއީ ދުނިޔެ އާއި ހަނދާ ދެމެދުގައިވާ ދުރުމިނުގެ ފަރަގު ކުޑަވުމުންނެވެ.

މިއީ މާސް އުޅަނދުތަކަށް ވުރެ އަވަސް، 0.5 މޭލު ބާރު މިނުގައި ދުއްވޭ އެއްޗެކެވެ. އިރުން ހަކަތަ ހޯދާ ވައިޕާގެ ބެޓެރި ބާރު 50 ގަޑިއިރަށް ދަމަހައްޓާނެ އެވެ. އޭތި އުފެއްދީ އާދަޔާ ހިލާފަށް ފިނި މާހަލުތަކުގައި އުޅެވޭ ގޮތަށް އަދި އެއް އަރިއަށް "ކަކުނި ހިނގާގެން" ހިނގޭ ގޮތަށެވެ. އޭގެ ބޭނުމަކީ މަސައްކަތުގައި އުޅޭއިރު، އޭގެ ޕެނެލްތައް އިރާ ދިމާލަށް އަނބުރައިގެން ހަކަތަ ހޯދުމެވެ.

އެ މިޝަންގެ ސައިންޓިފިކް އަމާޒަކީ ހަނދުގައި ގަނޑުފެން ހުރި ސަބަބު ހޯދުމެވެ. އެތައް ބިލިއަން އަހަރެއް ވަންދެން ގަނޑުފެން ރައްކާވެފައި ހުރި ގޮތާއި، ފެން ނެތިދާ ގޮތާއި، މިހާރު ފެން ހުރި ތަނެއް ހޯދުން ވެސް އެ މިޝަންގެ ތެރޭގައި ހިމެނެ އެވެ.

އެއީ އެމެރިކާއިން މީހުން ހަނދަށް ފޮނުވަން ހިންގާ އާޓެމިސް ޕްރޮޖެކްޓުގެ މިޝަނެކެވެ. އިންސާނުން ގޮވައިގެން ހަދަން ދާން ރާވާފައި ވަނީ 2024 ގަ އެވެ. ނަމަވެސް ޝެޑިއުލާ އެއް ގޮތަށް ކަންކަން ނުދާތީ އެއަށްވުރެ ލަސްވާނެ ކަމަށް ބެލެވެ އެވެ.