ޓިކްޓޮކް ގަންނަން އުޅެވުމަކީ ހެދުނު ބޮޑު ގޯހެއް: މައިކްރޮސޮފްޓް

Microsoft 4 years ago
މައިކްރޮސޮފްޓްގެ ސީއީއޯ
އިސްމާއިލް ހަސަން - 2021-10-23 10:49:05
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިއްތުންތަކާ އެކު ޗައިނާގެ ޓިކްޓޮކް ގަންނަން މަސައްކަތް ކުރެވުމަކީ ކެރިއަރުގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށް މައިކްރޯސޮފްޓްގެ ސީއީއޯ ސަތިއާ ނަޑެލާ ވިދާޅުވެއްޖެ އެވެ.

"ކޯޑް ކޮންފަރެންސް" ގައި ހޯމަ ދުވަހު ސަތިއަ ވިދާޅުވީ ޓިކްޓޮކް ގަތުމަށް ހުށަހެޅުމަށް މައިކްރޮސޮޓަށް ޕްރެޝަރު ކުރެއްވީ ޓްރަމްޕްގެ ސަރުކާރުން ކަމަށާއި އެހެން ނޫން ނަމަ އެއީ އެއްވެސް ވަރަކަށް ވިސްނާނެ ވެސް ކަމެއް ނޫން ކަމަށެވެ.

"އެކަމާ އުޅެވުމަކީ އަހަރެންގެ ކެރިއަރުގައި އެންމެ ކުރަން ބޭނުން ނުވި އެކަމަކު، ސަރުކާރުގެ ފިއްތުންތަކާ ހެދި ކުރަން ޖެހުނު ކަމެއް،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް އެކަމާ އުޅެވުމަކީ ކުރަން ބޭނުންވި ކަމެއް ނޫން. ދެން އެކަމަކު މިހާރު އެއީ މާޒީ."

ޓިކްޓޮކް އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޑޭޓާތައް ނަހަމަ ގޮތުގައި ބޭނުންކޮށް، އެމެރިކާ އަށް ފާރަލާ އެޕެއް ކަމަށް ތުހުމަތުކުރައްވައި، އެ އެޕަކީ ގައުމީ ސަަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ވިދާޅުވެ ޓިިކްޓޮކަށް އެތައް ތުރާލެއް، ވެރިކަމުގެ ފަހު ދުވަސްކޮޅު ޓްރަމްޕް ކުރިމަތިކުރެއްވި އެވެ. އެދި އެޕް އެމެރިކާގައި މަނާކުރާނެ ކަމުގެ ބިރު ދައްކަވައި، އެޕަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ ވިއްކައިލުން ކަމަށް ސަރުކާރުން ބުންޏެވެ.

މިއާ އެކު ޓިކްޓޮކް ގަންނަން ހުށަހެޅި އެމެރިކާގެ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓްގެ އިތުރުން އޮރޭކަލް ކޯޕަރޭޝަނާއި ވޮލްމާޓް ވެސް ހިމެނެ އެވެ. އެކަމަކު އެންމެ ފަހު ވަގުތު މައިކްރޮސޮފްޓާއި ވޮލްމާޓްގެ ހުށަހެޅުން ގަބޫލުނުކޮށް ޓިކްޓޮކް ގުޅެން ނިންމީ އޮރޭކަލްއާ އެވެ.

ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި، އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމާ އެކު އެމެރިކާ އިން ޓިކްޓޮކަށް ކުރިމަތިކުރި ތުރާތައް ނައްތާލައި، އެޕަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށް ދީފައިވެ އެވެ.

ޓިކްޓޮކް ގަންނަން ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން ސަތިއަ ވިދާޅުވީ ޓިކްޓޮކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާ އިރު، ވަރަށް ކާމިޔާބު އެއްޗަކަށް ވާތީ އެއާ ޕާޓްނާޝިޕް ހެދުމަކީ މައިކްރޮސޮފްޓުން ކުރިން ވަރަށް ޝައުގުވެރިކަން އޮތް ކަމެއް ކަމަށެވެ.