ސްނެޕްޗެޓަށް ލައިވް ލޮކޭޝަން ޝެއާރިން، ބޮޑު ފަސޭހައެއް

Android 4 years ago
ސްނެޕްޗެޓަށް ލައިވް ލޮކާޝަން - ވަރަށް ބޮޑު ފަސޭހައެއް
އަޙްމަދު ނިޔާޒް - 2022-02-19 23:22:45
ސްނެޕްޗެޓްގައި މަގްބޫލް ގިނަ ފީޗާތަކެއް މިހާރު ވެސް ހުރީ ހިމަނާފަ އެވެ. މެނޭޖްމަންޓުން ބުނާ ގޮތުން އާ ފީޗާތައް އަދި ވެސް ހުރީ ކުރިއަށެވެ. ދިގު ލިސްޓެއް ވެސް އެބަ އޮތެވެ. ލައިވް ލޮކޭޝަން ޝެއާރިން އަކީ ވެސް ލިސްޓުގައި ހިމެނޭ ފީޗާއެކެވެ.

ލޮކޭޝަން ޝެއާކުރުން -- އެމީހަކު އެވަގުތަކުން ހުންނަތަން އަނެކުންނާ ހިއްސާކުރުމަކީ ސްނެޕްޗެޓަށް އާ ފީޗާއެއް ނޫނެވެ. ސްނެޕްޗެޓް ބޭނުންކުރާ މީހުން މިކަން ވާނީ ތަރުޖިބާކޮށްފަ އެވެ. 

އެހެން ނަމަވެސް ލައިވް ލޮކޭޝަން ޝެއަރިން އަކީ ސްނެޕްޗެޓް މާހައުލަށް މުޅިން އާ ފީޗާއެކެވެ. އަދި ވަރަށް ބޮޑު ފަސޭހައެކެެވެ. 

މީހަކު ތަނަކަށް ފޮނުވާފައި އޭނާ ދިޔަ ހިސާބު ދޭތެރެ ދޭތެރެއިން ޗެކްކުރަން އެދޭ ނަމަ މިއީ މުހިންމު ފީޗާއަކަށް ވާނެ އެވެ. އަދި ދަރިން ގެއިން ބޭރުގައި އުޅޭއިރު، އެވަގުތަކު ކުއްޖާ ހުރި ތަން ބެލުމަށް ވެސް މި ފީޗާގެ ބޭނުންހިފޭނެ އެވެ. 

ސްނެޕްޗެޓްގައި މިވަގުތު ލައިވް ލޮކޭޝަން ހިމަނާފައި ވަނީ ބޭނުންކުރަން ވީމަ އޮންކުރަން ޖެހޭ ފީޗާއެއް ގޮތަށެވެ. ލޮކޭޝަން ޝެއާކުރަން އެދޭ ދެމީހަކީ އެކަކު އަނެކަކު ދަންނަ ދެމީހުންނަށް ވާން ޖެހެ އެވެ. އެކަން ކަށަވަރުކޮށްފައި ނޫނީ ލޮކޭޝަން ޝެއަރިން މަސައްކަތްކުރާކަށް ނުފަށަ އެވެ. 

ވަގުތުން ވަގުތަށް ލޮކޭޝަން ޝެއާކުރެވެމުން ދާއިރު ވަގުތު ވެސް ކަނޑައެޅެ އެވެ. ބޭނުންވާ ވަކި ވަގުތަކުން ވަކި ވަގުތަކަށް ލޮކޭޝަން ޝެއާކުރުމަށް ފަހު ކަނޑާލެވެ އެވެ. އަދި ބޭނުން ނަމަ ވަގުތު ކަނޑައަޅައި ޝެއާކުރުން ދިގު ދަންމާ ވެސް ލެވެ އެވެ. 

މިއީ ވަރަށް ރަނގަޅު މަގުސަދެއްގައި ސްނެޕްޗެޓްގައި ހިމަނާ ފީޗާއެކެވެ. މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާކޮށް ގޭންގެއްގެ ޝިކާރައަކަށް ވެދާނެ ފުރުސަތު ތަކުގައި ވެސް މި ފީޗާ ބޭނުންކުރެވިދާނެ އެވެ.