ގޫގުލުން ބުނާ ގޮތުން އެންޑްރޮއިޑް 13 ގައި، މީގެ ކުރިން ނެރުން އެންޑްރޮއިޑްގެ ހުރިހާ އަދަދެއްގައި ހުރި މޮޅުކަމެއް ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ސެކިޔުރިޓީ އަދި ޒާތީ ބޭނުންތައް ރައްކާކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވާނެ ކަމަށެވެ.
ގޫގުލުން ބުނީ އެންޑްރޮއިޑް 13 މިފަހަރު ޓެސްޓަށް ދޫކޮށްލިއިރު ހިމަނާފައި ނުވާ ފީޗާތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިމަނަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ބެލެވެނީ ޑިވެލޮޕާސް ޕްރިވިއު މަރުހަލާތަކަކަށް ބަހާލައިގެން ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދާނެ ކަމެވެ.
އެންޑްރޮއިޑް 13 ގައި ސަމާލުކަން ދީފައިވާ މައިގަނޑު ފީޗާތަކަކީ ފައިލް ޝެއާކުރަން ފަސޭހަވުމާއި ވައިފައި މެނޭޖްކުރަން ފަސޭހަވުން ހިމެނެ އެވެ.
ގޫގުލުން ބުނީ އެންޑްރޮއިޑް އެޕްތައް ބޭނުންކުރާ މީހުން އެދޭ ގޮތަކަށް މެނޭޖްކުރަން ފުރުސަތު ދޭނެ ކަމަށެވެ. އަދި މުޅި އޮޕަރޭޓިން ސިސްޓަމްގެ ތީމްތަކައި އެޕްތަކުގެ ތީމްތައް ވެސް ފަސޭހަކަމާ އެކު ބަދަލުކުރަން ފުރުސަތު ދޭނެ ކަމަށެވެ.
އެންޑްރޮއިޑް 13 ޑިވެލޮޕާސް ޕްރިވިއު މިވަގުތު ލިބޭ ގޮތް ހަދާފައި ވަނީ ވަކި ފޯނުތަކަކަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ގޫގުލްގެ ޕިކެސެލް ފޯނުތަކަށެވެ.

